Tuesday, 28 July 2026

މަތީ ތައުލީމަށް ޒަކާތު ފަންޑުން 50 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

މަތީ ތައުލީމު ހާސިލުކުރުމަށް ޒަކާތު ފަންޑުން 50 ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މި ފުރުސަތުތަކުގެ ތެރޭގައި ރާއްޖެއިން މަތީ ތައުލީމު ހާސިލުކުރުމަށް 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލި 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކެކެވެ. މީގެ ތެރޭގައި ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުން މަދު ދާއިރާތަކަށް ވެސް ފުރުސަތު ދެއްވާފައިވެ އެވެ. އެގޮތުން ޔޫރޮލޮޖީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ހިމެނެ އެވެ.

ރާއްޖެއިން ބޭރުގެ ސްކޮލަޝިޕްތަކުގެ ތެރެއިން 17 ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިއާ އަދި ބުރުނާއީއަށެވެ. މި ފުރުސަތުތަކުގައި ހަލާލް އިންޑަސްޓްރީ މެނޭޖްމަންޓް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އިސްލާމިކް އެޑިއުކޭޝަން އަދި ގުރުއާނިކް އެންޑް ސުންނާ ސްޓަޑީސް ފަދަ ދާއިރާތަކުން ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ހިމެނެ އެވެ.

ރާއްޖޭގައި ކިޔެވުމަށް ދޭ 20 ފުރުސަތު ހުޅުވާލާފައިވަނީ ގައުމީ ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކަށެވެ. މީގެ ތެރޭގައި ގުރުއާނިކް ސައިންސަސް، އިސްލާމިކް ފައިނޭންސް، ޝަރީއާ އަދި އިސްލާމިކް ސްޓަޑީސްގެ މާސްޓަރސް ޕްރޮގްރާމްތައް ހިމެނެ އެވެ.

މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި މި ސްކޮލަޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް އިސްކަން ދެވޭނެ އެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *