Tuesday, 28 July 2026

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް 241 ކޮމިޓީން ފާސްކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓެންދެން، އިޒްރޭލު ޕާސްޕޯޓު ހިފައިގެން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލަކީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި، ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާ ބިލެކެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓާއެކު އެހެން ޤައުމެއްގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެއެވެ. މި ބަދަލު ގެނެވުނީ އިމިގްރޭޝަނުން ފާހަގަކުރި ތަންފީޒީ ގޮންޖެހުންތަކަށް ރިއާޔަތްކޮށެވެ.

ސަރުކާރަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ މި ކޮމިޓީން ބިލު ފާސްކޮށްފައިވަނީ އިއްތިފާގުންނެވެ. މި ބިލު ފާސްކުރެވުނީ އިދިކޮޅު އެމްޑީޕީއާއި އާންމު ރައްޔިތުންގެ ފަރާތުން ބިލުގެ މަސައްކަތް ލަސްވަމުންދާތީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށެވެ.

މި ބިލު ފާސްވުމާއެކު، އިޒްރޭލު ޕާސްޕޯޓު އެކަނި ހިފައިގެން ރާއްޖެއަށް އަންނަން އުޅޭ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާވާނެއެވެ. ނަމަވެސް ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތްތަކަށް އެހެން ޤައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *