ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 400 ބޯހިޔާވަހިކަމުގެ ޔުނިޓުގެ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން 25 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢު ފައްޓަވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރު މޫސާ ޒަމީރާއި އެސްއެފްޑީގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.
ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ. މި މަޝްރޫޢަކީ އެ ވައުދު ފުއްދުމަށް އަޅާ އެއް ފިޔަވަޅުކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 400 ބޯހިޔާވަހިކަމުގެ ޔުނިޓުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް އަމިއްލަ ގެދޮރުގެ ވެރިންގެ ގޮތުގައި ވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ދެމުން ބުނެފައިވަނީ، މިވަގުތު ކުރިއަށްދަނީ ކޮންސަލްޓަންސީ ފާމެއް ހޯދުމުގެ މަސައްކަތްކަމަށެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލުގެ އިތުރުން އެސްއެފްޑީ އާއި ސަރުކާރުގެ އެކި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


