Tuesday, 28 July 2026

ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްތައް މި ހަފްތާގައި އިޢުލާންކުރަނީ

ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްތައް މި ހަފްތާގައި އިޢުލާންކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން އިސްލާމީ ޢިލްމުގެ އެކި ދާއިރާތަކުން މާސްޓަރސް އަދި ޕީއެޗްޑީ ހެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިނިސްޓަރު ޝަޙީމް ވިދާޅުވި ގޮތުގައި މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން މެޑިކަލް ދާއިރާގެ ސުޕަރ ސްޕެޝަލިސްޓުން ބޭނުންވާ ދާއިރާތަކަށްވެސް އިސްކަން ދެވޭނެއެވެ.

"މި ފުރުސަތުތަކަށް ފައިސާ ހަމަޖައްސާނީ ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިންނެވެ. ދިވެހިންގެ ދީލަތިކަމާއެކު ޒަކާތު ފަންޑު އިތުރުވަމުން ދިއުމަކީ އިސްލާމްދީނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ކީރިތި ޤުރުއާން ކިޔަވައިދިނުމާއި ޙާފިޒުން އުފެއްދުމުގެ ޕްރޮގްރާމްތަކަށްވެސް މި ފަންޑުން ޚަރަދުކުރެވޭނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ނަތީޖާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒަކާތު ފަންޑުން މިހާރުވެސް ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އެހީތެރިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް، ބޯން މެރޯ ޓްރާންސްޕްލާންޓް، އަދި ފުއްޕާމެއާއި ކެންސަރު ފަދަ ބަލިތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ހިމެނެއެވެ.

އަދި މިސްރާއި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން، މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

ފާއިތުވި އަހަރަކީ ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އަހަރެވެ. އެގޮތުން 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ މުދަލު ޒަކާތުގެ ގޮތުގައި ފަންޑަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *