ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފިއެވެ. މި އެހީއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ޒަކާތު ފަންޑުން މިދިޔަ އަހަރުވެސް ފޯރުކޮށްދިން އެހީތެރިކަމުގެ ސިލްސިލާގެ ތެރެއިން އިތުރު އެހީއެކެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހާމަކުރި ގޮތުގައި، ރައްޔިތުން ޒަކާތު ހައުސްއާ ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާއަށް ކަނޑައެޅުނު ފައިސާއިން، އެ ސަރަހައްދުގެ ބަނޑުހައިހޫނުކަމުގައި އުޅޭ އާއިލާތަކަށް މި އެހީ ފޯރުކޮށްދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން ދައްކާލި ވީޑިއޯއެއްގައި، އިޒްރޭލުގެ ހަމަލާތަކުން ގެދޮރު ގެއްލިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެތީގެ ފޮށިތައް ރައްދުކުރަމުންދާ މަންޒަރު ހިމަނާފައިވެއެވެ. މި ފޮށިތަކުގައި އެއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ގައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ އެހީއެއްކަން އެނގޭގޮތަށް ފާހަގަކޮށްފައިވާކަން ފެނެއެވެ.
މި އެހީގެ އިތުރުން، ކުރިން ވެސް ޒަކާތު ފަންޑުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފައެވެ. މިއީ އެ ގައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ބައެކެވެ.
އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ.


