Tuesday, 28 July 2026
MAJLIS

އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ އިސްލާހާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން، އިޒްރޭލް ޕާސްޕޯޓު އޮންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސްވަމުންދާތީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ ދިގު ޗުއްޓީއަކަށްފަހު މިއަދު ބޭއްވުނު ފުރަތަމަ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އެހެންނަމަވެސް، މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަނުވާތީ، މި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރިޔާސަތުން ނިންމިއެވެ.

ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައެއްގެ ގޮތުގައި ބެލޭނީ ރައްޔިތުންނަށް ނުވަތަ ގައުމަށް ސީދާ އަސަރުކުރާ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވެގެން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ނުވަތަ އެކަމަކާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާމެދު ފާޑުކިޔުމަށް ހުށަހެޅޭ މައްސަލަތައް ކަމަށެވެ.

މި މައްސަލައިގައި މައުރޫފް ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ފެށިތާ ދެ އަހަރާއި ފަސް މަސްދުވަސް ވެފައިވާއިރު، އެކަން ކުށްވެރިކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެއެވެ.

އިޒްރޭލް ޕާސްޕޯޓު އޮންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު މިހާރު ވަނީ ނުވަ މަސްދުވަސް ވަންދެން ކޮމިޓީ މަރުހަލާގައި ހިފެހެއްޓިފައެވެ. މި މުއްދަތުގައި އެހެން ގިނަ ބިލުތަކެއް އަވަސް މުއްދަތެއްގައި ފާސްކޮށްފައިވާކަން މައުރޫފް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *