ފިތުރު ޒަކާތް ބެހުމުގެ އުސޫލަށް އައު ބަދަލުތަކެއް ގެނެސް، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4،500 ރުފިޔާ ލިބޭގޮތަށް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.
އިޖުތިމާއީ އަދާލަތު ޤާއިމުކުރުމުގެ މަޤްޞަދުގައި ގެނެވުނު މި ބަދަލާއެކު، މުޅި ރާއްޖެއަށް ލިބޭ ޒަކާތް އެއް ހަމައަކުން ބެހިގެންދާނެކަމަށް މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ފާހަގަކުރެއްވިއެވެ.
"ކުރީގައި އޮންނަ ގޮތުން އެ ރަށަކުން ލިބޭ ޒަކާތް އެ ރަށަކަށް އެކަނި ލިބެނީ. އެކަމަކު މިހާރު މުޅި ރާއްޖެ ބެލެވޭނީ އެއް ދާއިރާއެއްގެ ގޮތުގައި. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި މިފަދަ ބަދަލެއް އައި ފުރަތަމަ ފަހަރު،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ޖަމާވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގޮވާމުގެ ގޮތުގައި ލިބިފައިވާ ޒަކާތް މާލޭ ސިޓީގައި ބެހުމުގެ މަސައްކަތް މި ހަފުތާ ބަންދުގައި ކުރިއަށްދާނެކަމަށް ޒަކާތު ފަންޑުން އަންގައިފިއެވެ.
ޒަކާތު ފަންޑުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ގޮވާމު ބެހުމުގެ މަސައްކަތް ހިނގާނީ އިސްކަންދަރު ސްކޫލުގައެވެ. މި މަސައްކަތް ހުކުރު ދުވަހު މެންދުރުފަހު 2 އިން 4:30 އަށާއި، ރޭގަނޑު 9:30 އިން 11 އަށް ކުރިއަށްދާނެއެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10 އިން މެންދުރު 12 އަށާއި، މެންދުރުފަހު 1 އިން 3 އަށް ވެސް ގޮވާމު ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.


