ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ލޯނުތައް އިސްލާމީ ޝަރީއާގެ ހަމަތަކާ އެއްގޮތަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ. މި ބަދަލާ އެކު ލޯނުތަކުން މިހާރު ނަގަމުންދާ އިދާރީ ފީ އުވާލެވިގެންދާނެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އިތުރު ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ އެވެ. އަދި މިހާރު ނަގަމުންދާ އެއް ޕަސެންޓްގެ އިދާރީ ފީ އެއްކޮށް އުވާލެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބަދަލު ގެނައުމަށް ނިންމެވި ނިންމެވުމުގެ ދަށުން، ކުރިން ލޯނު ނަގާފައިވާ ދަރިވަރުންނަށް ވެސް މި ލުޔާއި ފަސޭހަ ލިބިގެންދާނެ އެވެ. އެގޮތުން، ކުރިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ އިދާރީ ފީ އުނިކޮށް، އެ ލޯނުތައް އަލުން އެކުލަވާލުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.
ސަރުކާރުން ކޮންމެ އަހަރަކު ވެސް މަތީ ތައުލީމަށް ބޮޑު އަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ދޫކުރަމުން ގެންދެ އެވެ. މިގޮތުން މިދިޔަ އަހަރު 500 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މި ބަދަލަކީ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ބަދަލެއް ކަމަށް ބެލެވެ އެވެ. އަދި އިސްލާމީ ޝަރީއާގެ ހަމަތަކާ އެއްގޮތަށް ލޯނު ދޫކުރުމަކީ ގިނަ ބައެއްގެ އެދުމަކަށް ވެފައިވާ ކަމެކެވެ.


