ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީން ކުނި އަޅާ ކޮތަޅުތަކެއްގައި ސިނގިރެޓް ވަގަށް ނެރެން އުޅުނު މައްސަލައިގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދޫ/ ގަސްކަރަ، މުހައްމަދު އައިހަމް (23އ.) އެވެ. އޭނާ ގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ ބަންދު މުއްދަތެއް ދީފައެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މ. ސިލްވާ ވެސްޓް/ އަހުމަދު އަފްސަލު (45އ.) އާއި ދަފްތަރު ނަންބަރު އާރުއެސް 14358، ޔޫސުފް ނަޒީރު (38އ.) އެވެ. މި ދެ މީހުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި އައިހަމްއަކީ ސިފައިންގެ މުވައްޒަފެއް ކަމަށާއި، އިއްޔެ ހައްޔަރުކޮށް ދޫކޮށްލި ޔޫސުފް ނަޒީރަކީ ފުލުހެއް ކަމަށް ބެލެވެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އެހެންނަމަވެސް މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ވަޒީފާއާ ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކުރުމަށް ފުލުހުން ވަނީ އިންކާރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިފަދަ މައްސަލަތައް އިތުރުވަމުން އަންނަނީ މިދިޔަ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ. މި ބަދަލާއެކު ސިނގިރެޓުގެ އަގު މައްޗަށް ދިއުމާ ގުޅިގެން، ވަގަށް ސިނގިރެޓު އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.


