Tuesday, 28 July 2026
އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު --

ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ޝަމްއާން ބަންދުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިއްޔެ އެވެ. ނަމަވެސް އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް، ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ. އޭނާގެ ބަންދާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މި މައްސަލާގައި ފުލުހުން ތުހުމަތުކުރާ ގޮތުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓައި، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000 ރުފިޔާއާ އެކުގައި އެވެ. އަދި އޭގެ އެއް ދުވަސް ފަހުން، ޝަމްއާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލައި، މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި އެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ ގެ ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، އޭނާގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *