ރާއްޖެ ޓީވީން ގެނެސްދިން "ކާލާބައިސާ" ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނަށް ފުރައްސާރަކޮށް ވާހަކަދެއްކުމާ ގުޅިގެން އުފެދުނު ހަލަބޮލިކަމަށް އެ ޗެނަލުން ވަނީ މަޢާފަށް އެދިފައެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ އެ ޕްރޮގްރާމުގައި ބައިވެރިވި ސިފައިންގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތައް އޯޓިސްޓިކް ކުއްޖެއްގެ އަމަލުތަކާ އަޅާކިޔައި ވާހަކަދެއްކުމާ ގުޅިގެންނެވެ.
މި ވާހަކަތަކަށް ތާއީދުކުރަމުން މޮސްޓާ ވަނީ އޯޓިސްޓިކް ކުދިންގެ އިތުރުން ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ވެސް އަމާޒުކޮށް ނޭދެވޭ ގޮތަކަށް ވާހަކަދައްކާފައެވެ. މި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ނުތަނަވަސްކަން ފާޅުކޮށްފައެވެ.
މައްސަލަ ބޮޑުވުމާ ގުޅިގެން ރާއްޖެ ޓީވީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުން އޯޓިޒަމް ކުދިންނަށް އެއްވެސް ނިކަމެތިކަމެއް ލިބޭ ކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް މަޢާފަށް އެދޭ ކަމަށެވެ. މިއީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެން ނެރުނު ބަޔާނެކެވެ.
އެހެންނަމަވެސް، ރާއްޖެ ޓީވީގެ ބަޔާނުގައި އެއީ ކަނޑައެޅިގެން ކުށްވެރިކުރަންޖެހޭ ކަމެއްކަން ގަބޫލުކޮށް ސީދާކޮށް މަޢާފަށް އެދިފައި ނުވާކަން ފާހަގަކުރެވެއެވެ. މިފަދަ ޕްރޮގްރާމްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރައްސާރަކުރުމަކީ މުޖުތަމަޢުގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.


