މޯލްޑިވްސް ތެލެސީމިއާ ސެންޓަރުގެ އިސް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ސެންޓަރުގެ ޑިރެކްޓަރ އަހްސަން ހުސައިނާއި ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިސަލް އިބްރާހީމް މަޤާމުން ދުރުކުރުން ހިމެނެއެވެ.
އިސް މަޤާމުތަކަށް އައި މި ބަދަލުތަކާއެކު، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އެންމެ އިސް މަޤާމު ކަމުގައިވާ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަހުމަދު މައުސޫމް ވަނީ ހަމަޖައްސާފައެވެ. މި ބަދަލުތައް މިހާ އަވަހަށް ގެންނަން ޖެހުނީ ތެލެސީމިއާ ބަލީގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ސެންޓަރުގެ ޚިދުމަތްތަކާމެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އާދިއްތަ ދުވަހު އަމިއްލަފުޅަށް ސެންޓަރަށް ވަޑައިގެން ކަންކަން ހުރިގޮތް ބައްލަވާލައްވާފައެވެ. އަދި ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް، އެތަނުން ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ.
ރައީސްގެ އިރުޝާދުގެ ދަށުން، ސެންޓަރުގައި މިވަގުތު ހުރި އެންމެހައި މައްސަލަތައް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ހައްލުކުރުމަށް ވަނީ ރޭވިފައެވެ. މި އިސްލާހީ ބަދަލުތަކަކީ ތެލެސީމިއާ ބަލީގެ ކުދިންނަށް ދެވޭ ފަރުވާއާއި ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.


