އިއްޔެ މިޔަންމާއަށް އައި ވަރުގަދަ ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރި ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ތައިލެންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ހާމަކުރައްވައިފިއެވެ.
މިޔަންމާގައި އިއްޔެ އެކި ބާރުމިނުގައި ގިނަ ބިންހެލުންތަކެއް އައިސްފައިވާއިރު، އިންޑިއާގެ ބިންހެލުން މޮނިޓަރިންގ އިދާރާއިން ބުނެފައިވަނީ އެންމެ ވަރުގަދަ ބިންހެލުން އައީ 7.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. އެހެންނަމަވެސް އެމެރިކާއާއި ޗައިނާގެ މޮނިޓަރިންގ އިދާރާތަކުން ފާހަގަކޮށްފައިވަނީ އެންމެ ވަރުގަދަ ބިންހެލުން އައިސްފައިވަނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން ބެންކޮކުގެ ބައެއް އިމާރާތްތަކަށް ގެއްލުން ލިބި، ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެލުމަށް ސަފާރާތުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަފީރު ފުއާދު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން ވަރަށް ގާތުން މި ގެންދަނީ މިކޮޅުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅައި، އެ ބޭފުޅުންގެ ހާލު ބަލަމުން. މިވަގުތާ ހަމައަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމަށް އަދި ރިޕޯޓެއް ލިބިފައެއް ނުވޭ. މާތްﷲ ގެ ޙަޟްރަތުން ޝުކުރުވެރިވަން، ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު،" ސަފީރު ފުއާދު ވިދާޅުވިއެވެ.


