Wednesday, 29 July 2026

ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް ދަނީ އިތުރަށް ހަރުދަނާކުރެވެމުން: ރައީސް

ޓިއުބަރކިއުލޯސިސް (ޓީބީ) ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދަކީ ދުނިޔޭގެ ޓީބީ ދުވަސް ކަމަށްވާއިރު، މި ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ސޯޝަލް މީޑިއާގައި ޚާއްސަ މެސެޖެއް ހިއްސާކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ސަރުކާރުން ދަނީ ސާބިތުކަމާއެކު ކުރިއަށެވެ. މިގޮތުން ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ފޯރުކޮށްދިނުން ފަދަ އެތައް ޚިދުމަތްތަކެއް ވަނީ ތަޢާރަފުކުރައްވާފައެވެ.

އަވަހަށް ބަލި ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ފުރިހަމަ ފަރުވާ ކަށަވަރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި ސަރުކާރުގެ އަމާޒަކީ ޓީބީ ފަދަ ނުރައްކާތެރި ބައްޔަކުން ރައްޔިތުން ސަލާމަތްކުރުމެވެ.

ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު، 1998 ވަނަ އަހަރުން ފެށިގެން ކޭސްތައް ދެނެގަތުމުގެ 70 އިންސައްތަ އާއި ބަލިން ފަރުވާ ހޯދުމުގައި 85 އިންސައްތަ ހާސިލްކޮށްފައިވާ ފަސް ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ދެއްވި މެސެޖުގައި، މި ބަލި ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނެކަން އަދި މިހާރަށްވުރެ ބޮޑަށް މި މަސައްކަތް ހަރުދަނާކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *