ނައިޖީރިއާގެ ދެކުނު ހުޅަނގު ސަރަހައްދުގައި ހުންނަ މިސްކިތަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި މަދުވެގެން 44 މީހުން މަރުވެ، 13 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ހުކުރު ދުވަހު ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަސް ހިތާމަފާޅުކުރުމަށް ނިންމާފައިވެއެވެ.
ކޮކޮރޫ ސަރަހައްދުގެ ފަމްބިޓާ ހިސާބުގައި ހުންނަ މިސްކިތަށް ދިން މި އަނިޔާވެރި ހަމަލާ އަމާޒުކޮށްފައިވަނީ ރަމަޟާން މަހުގެ ނަމާދު ވަގުތެއްގައި ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ބުނި ގޮތުގައި ހަމަލާ ދިން ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ މާރުކޭޓަކާއި ގެތަކަކަށްވެސް އަލިފާން ރޯކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އައިސިސްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އިން ދަ ގްރޭޓް ސަހާރާ (އީއައިޖީއެސް) އިންނެވެ. ނަމަވެސް މި ހަމަލާއާ ގުޅޭ ގޮތުން އެ ޖަމާއަތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސާހެލް ސަރަހައްދުގައި ފަހަކަށް އައިސް އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން 2020 އާއި 2023 އާ ދެމެދު މާލީއާއި ބާކީނާ ފާސޯގައި ދެ ފަހަރު މަތިން އަދި ނައިޖަރުގައި އެއްފަހަރު ސިފައިން ވެރިކަން ވައްޓާލާފައިވެއެވެ. އޭސީއެލްއީޑީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ގެ ޖުލައި މަހުން ފެށިގެން މިހާތަނަށް ނައިޖަރުގައި މަދުވެގެން 2،400 މީހުން މަރުވެފައިވެއެވެ.
ނައިޖީރިއާގެ ސިފައިންގެ ވެރިކަމުން ބުނެފައިވަނީ މި ހަމަލާ ދިން ފަރާތްތައް ހޯދައި، އެ މީހުންނާމެދު ޝަރުއީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅިގެން ބާރުތަކުން ވަނީ ހަތިޔާރު ހޯދުމަށް ބޭރުގެ އެހީތެރިކަމަށް އެދި، ރަޝިޔާއާ ގުޅުން ބަދަހިކޮށްފައެވެ.


