Tuesday, 28 July 2026

މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ ނިޔާވެއްޖެ

ދިވެހި ފުޓުބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތި) މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ނިޔާވެއްޖެއެވެ. ސާންތި ނިޔާވީ ދެ އަހަރެއްހާ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއްގެ ފަހަތުގައި ހުރި އިސް އެއް ކޯޗަކީ ސާންތިއެވެ. ޚާއްސަކޮށް ކްލަބް އީގަލްސްގެ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅަކީ ސާންތިއެވެ. އެންމެ ފަހުން ސާންތި މަސައްކަތް ކުރެއްވީ ވެސް ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައެވެ. ނަމަވެސް ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން 2023 ވަނަ އަހަރުގެ ޖޫން މަހު އެ މަގާމު މުހައްމަދު ޝިޔާޒް (މޯހަން)އާ ވަގުތީ ގޮތުން ހަވާލުކުރެއްވިއެވެ.

ސާންތިގެ ފަނޑި ކޯޗުކަމުގެ ދަށުން ގައުމީ ޓީމަށް ވެސް ވަނީ އެތައް ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައެވެ. އެގޮތުން މެދުނުކެނޑި އަށް އަހަރު ވަންދެން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރެއްވިއެވެ. އަދި ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގަތެވެ.

މީގެ އިތުރުން އެކި އުމުރުފުރާތަކުގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ކޯޗުކަމާއި އެސިސްޓެންޓް ކޯޗުކަން ކުރައްވައި، ގިނަ ޒުވާން ކުޅުންތެރިން ތަމްރީނު ކުރެއްވުމުގައި ސާންތިގެ އަގުހުރި ޚިދުމަތްތަކެއް ވަނީ ފޯރުކޮށްދެއްވާފައެވެ.

ދިވެހި ފުޓުބޯޅައަށް އިހްސާން ޢަބްދުލްޣަނީ ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެ މަނިކުފާނުގެ ހިތްވަރުގަދަ ރޫހު ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި އަބަދުވެސް ދެމިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *