މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކ. ގުޅީފަޅު އަދި ގިރާވަރުފަޅުން ބިން ހިއްކުމަށް، އެންމެ ދަށްވެގެން 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ހަރަދުކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިންވެސްޓްމަންޓް ސިޔާސަތުގައި އިއްޔެ ކަނޑައަޅައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރުގައި، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ 25 މަޝްރޫއަކާއި، އެ މަޝްރޫއުތަކަށް ހަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރު ބަޔާންކޮށްފައިވެ އެވެ.
މި ގަރާރުގައި، ރަސްމާލެ މަޝްރޫއުއަށް ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު، ގުޅީފަޅުން ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު، ގިރާވަރުފަޅުން ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު އަދި އުތުރުތިލަފަޅުން ބިން ހިއްކުމަށް 5 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން، މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް 5 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.
އަދި ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް ވެސް 5 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކާއި 'އައްސޭރި ޓޫރިޒަމް' މަޝްރޫއުތަކުގެ އިތުރުން، ސޯޝަލް ހައުސިން މަޝްރޫއުތަކާއި ބިން ހިއްކުމާއި ކޯޒްވޭއިން ގުޅާލުން ފަދަ މަޝްރޫއުތައް ވެސް މި ގަރާރުގައި ހިމަނާފައިވެ އެވެ.


