ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފިއެވެ.
އޭނާ ވަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ރޭ ހާޒިރުކޮށްފައެވެ.
ފުލުހުން ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެެެރިންތަކެއް އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން މިރޭ ތުހުމަތުކޮށްފައިވެއެވެ.
އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ޝަމްއާންގެ ގެއިން ފެނުނީ ކިހާ ފައިސާއެއްކަމާއި، ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެއެވެ.


