ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަޞީހް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ. ފަޞީޙް އެ މަޤާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ 3:35 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމަށް ފަޞީޙް މިރޭ އައްޔަންކުރައްވައިފައިވާ ކަމަށެވެ.
އިމިގްރޭޝަން ކޮނޓްރޯލަރގެ މަޤާމަށް ފަޞީޙް އައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު ވަކިކުރެއްވުމަށްފަހުއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.


