އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއް ތަހުގީގުކުރަން ފަށައި، އެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި މައްސަލައިގައި އިއްޔެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވަނީ މިހާރު މަގާމުން ވަކިކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނާއި، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


