ރާއްޖެ އެތެރެކުރަން އުޅުނު 2000އަށް ވުރެ ގިނަ ވޭޕުގެ ސާމާނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެވިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 2008 ވޭޕުގެ ސާމާނު ހިމެނެއެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކުރެވިފައިވާ އެއްޗެކެވެ.
ގާނޫނުގެ ދަށުން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ގާނޫނު ތަންފީޒުކުރަން ފެށުމަށްފަހު ވޭޕް ބޭނުންކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ އިރު، މާލޭގައި ވޭޕް ވިއްކަމުން ދިޔަ ބިދޭސީއެއް ވެސް ވަނީ ހައްޔަރުކުރެވިފައެވެ. ގާނޫނުގެ ދަށުން މިފަދަ އާލާތެއް ވިއްކައިފިނަމަ 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އިރު، ވިއްކި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
އަދި މިފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފިނަމަ 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިފަދަ އެއްޗެއް ވިއްކައި ނުވަތަ ހިލޭ ދީފިނަމަ އިތުރު 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.


