ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "ކުރަގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި، މެއި މަހުން ފެށިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާތަނަށް އެއްކުރެވިފައިވާ 100،000 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން މާލޭ ސަރަހައްދުން އެކަނި 65،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. އަދި މިހާތަނަށް އެ އޮޕަރޭޝަނަށް މައުލޫމާތު ނުދީ އެއްވެސް ބިދޭސީއަކު ވާނަމަ، އަންނަ މަހުގެ 30 ގެ ކުރިން އެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ގޮވާލައިފިއެވެ.
މިނިސްޓްރީން ވަނީ މި ތާރީހުގެ ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ބަޔާންކޮށްފައެވެ. އަދި މިދިޔަ ސަރުކާރުގެ ފަސް އަހަރު ނިމުނު އިރު އެއްކުރެވިފައިވަނީ އާންމުކޮށް 40،000 އެއްހާ ބިދޭސީންގެ މައުލޫމާތު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ހޯމް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ބިދޭސީންގެ މައްސަލަ ބޮއްސުންލާފައިވަނީ ކުރީގެ ސަރުކާރުތަކުން އެކަމުގެ އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ކުރިއަށްދާ ކުރަގި އޮޕަރޭޝަން ނިމުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.


