Wednesday, 29 July 2026

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރައްވައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ. ރައީސް މުހައްމަދު މުއިއްޒު އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. ޝަހީދުގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުށަހެޅުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކުރުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ ޝަހީދު އައްޔަންކުރެއްވުމަށެވެ.

ޝަހީދަކީ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ދެ ފަނޑިޔާރުން ތިއްބެވީ ސަސްޕެންޝަނުގައެވެ. ކޯޓުތަކުގެ ގާނޫނުގެ ދަށުން ދުސްތޫރީ މައްސަލަތައް ބެލުމަށް މަދުވެގެން ފަސް ފަނޑިޔާރުން ބޭނުންވާއިރު، ޝަހީދު އައްޔަންކުރެއްވުމާއެކު މިހާރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. މިހެންވުމުން، މިހާރު ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑީގެ މައްސަލަ ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެން ދިޔައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *