Wednesday, 29 July 2026

ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ބަލައިގެންފި

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ޒަކާތު ހައުސްއަށް ލިބިފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފިއެވެ.

ޒަކާތު ހައުސްއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އޮންލައިންކޮށާއި ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2،913،839.61 ރުފިޔާއެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން، ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ލިބުނު އެންމެ ގިނަ އަދަދު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންނަށް ފަސޭހައިން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިއަހަރުވެސް އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ މަގު ތަނަވަސްކޮށްދީފައިވެއެވެ. މިގޮތުން ދިރާގު، އުރީދޫ އެމް-ފައިސާ، އެމްއައިބީ، ބީއެމްއެލް، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ކުރީގެ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ލިބިފައިވަނީ 977,301 ރުފިޔާއެވެ. އަދި 1443 ވަނަ އަހަރު 1.09 މިލިއަން ރުފިޔާ، 1444 ވަނަ އަހަރު 1.39 މިލިއަން ރުފިޔާ އަދި 1445 ވަނަ އަހަރު 1.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ ކައުންޓަރުތަކަށް ވަޑައިގެންވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *