Tuesday, 28 July 2026

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު މަޤާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަހުން ނިންމި ނިންމުންތަކަކީ މުއައްސަސާގެ އަސާސީ މަޤްޞަދުތަކާ ޚިލާފު ނިންމުންތަކެއް ކަމަށް ފާހަގަކުރައްވައި، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިމާދު މަޤާމުން އިސްތިއުފާ ދެއްވިއިރު، އޭނާ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅިފައިވެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ޤާނޫނީ ޒިންމާތައް އަދާނުކުރައްވައި ހުންނެވިއިރު، އެކަން ފާހަގަކޮށް އިޞްލާޙުކުރުމަށް އިމާދު މަސައްކަތްކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެއެވެ.

އިސްތިއުފާގެ ސިޓީގައި އިމާދު ވިދާޅުވެފައިވަނީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި މަސައްކަތްކުރެއްވުމަކީ ޝަރަފެއް ކަމަށެވެ. އަދި މި މުއްދަތުގައި ބޭރު ފައިސާގެ ބާޒާރަށް މުހިންމު އިޞްލާޙުތަކެއް ގެނެސް، މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެއްވިކަމަށް ފާހަގަކުރައްވާފައިވެއެވެ.

އިމާދުގެ އިސްތިއުފާގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ފަވަރަ ތަރައްޤީކުރުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރެއްވި މަސައްކަތްތަކާއި، ބޭރު ފައިސާއާ ބެހޭ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި އަދާކުރެއްވި ދައުރުގެ އިތުރުން، ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކެވެ.

އެމްއެމްއޭގައި 25 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އިމާދު، ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އައްޔަނުކުރެއްވީ 2020 ވަނަ އަހަރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައެވެ.

އިނގިރޭސިވިލާތުން މާސްޓަރސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންސް އަދި މެލޭޝިއާއިން ބެޗެލަރ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ހާސިލުކުރައްވާފައިވާ އިމާދުގެ އިސްތިއުފާއާ ގުޅިގެން، އެމްއެމްއޭގެ އައު ޑެޕިއުޓީ ގަވަރުނަރެއް އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *