މާލެ ސިޓީ ކައުންސިލުގެ އައު ޑެޕިއުޓީ މޭޔަރުގެ މަޤާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ޢަރީޝް ހޮވިއްޖެއެވެ. ކައުންސިލުން މިއަދު ބޭއްވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެންބަރުންގެ އިއްތިފާޤުން ޢަރީޝް ވަނީ މި މަޤާމަށް ހޮވިވަޑައިގެންފައެވެ.
ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލުމުން، ޢަރީޝް ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، މަޤާމަށް އައްޔަނުކުރެއްވުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓުން ޢަރީޝް ވަނީ ހޮވިވަޑައިގެންފައެވެ.
މި މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ނަރީޝް ވަނީ އައު ޑެޕިއުޓީ މޭޔަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި މާލެ ސިޓީގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކައުންސިލަރުންނާއި މުވައްޒަފުންނާއެކު ކުރިއަށް ގެންދަވައި، އަންނަ ކައުންސިލު އިންތިޚާބުގައި ޕީއެންސީއަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މި މަޤާމު ހުސްވެފައިވަނީ އަޙްމަދު ނަރީޝް މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަރީޝް އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ޤައުމާއި ރައްޔިތުންނަށް އެހެން ދާއިރާއަކުން ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.


