Tuesday, 28 July 2026

އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖަކާ ބެހޭގޮތުން ވާހަކަދެއްކި މައްސަލައަށް ކެޕްސްއިން ތަދައްޚުލްވަނީ

އިދިކޮޅު ޕާޓީ އެމްޑީޕީން މާލޭގައި ހިންގަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން އެއް އިހުތިޖާޖެއްގައި ކުޑަކުއްޖެއްގެ އަބުރަށް ގެއްލުންވާފަދަ ގޮތަކަށް ވާހަކަދެއްކި މައްސަލައިގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ތަދައްޚުލްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ހަރަކާތްތެރިއެއް ކަމަށްވާ މަންދީ ޒުބައިރު ދެއްކި ވާހަކައިގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތްކަމަށް ބުނެ، އެކަން ކުށްވެރިކޮށް ކެޕްސްއިން ވަނީ ރަސްމީ ނޫސް ބަޔާނެއް ނެރެފައެވެ.

"އިސްލާމްދީނުގައި ކުޑަކުދިންނަކީ ޚާއްސަ ރައްކާތެރިކަމެއް ދޭންޖެހޭ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އާންމު ތަނެއްގައި ކުޑަކުއްޖެއްގެ އަބުރަށް އަރައިގަނެ، އެކުއްޖާއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފެތުރުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ޢަމަލެއް،" ކެޕްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކެޕްސްއިން އިތުރަށް ފާހަގަކޮށްފައިވަނީ، ސިޔާސީ ވާދަވެރިކަން ކިތަންމެ ގަދަވިޔަސް، އަދި އެއްފަރާތުން އަނެއް ފަރާތަށް ކިތަންމެ ފާޑުކިޔުމެއް އޮތްކަމުގައިވިޔަސް، ކުޑަކުދިންގެ ޙައްޤުތަކާއި ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ސީރިއަސް ކުށެއްގެ ގޮތުގައި ތަޙުޤީޤު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކެޕްސްއިން ގޮވާލާފައިވެއެވެ. އަދި މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ކުރަމުންދާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ހާމަކޮށްފައިވެއެވެ.

އިތުރުން، މި ހާދިސާގައި ކުށެއްނެތް މަޢުޞޫމް ކުއްޖެއްގެ އަބުރާއި ކަރާމާތަށް ގެއްލުން ދިންކަމުގެ ދަޢުވާ، އެ ވާހަކަ ދެއްކި ފަރާތުގެ މައްޗަށް އުފުލުމަށް ކަމާބެހޭ ފަރާތްތަކަށް ކެޕްސްއިން ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *