މާލޭ ސިޓީގެ މަގުމަތީގައި އުޅޭ ބުޅާތައް ވީހާވެސް އަވަހަކަށް ފެސިލިޓީއަށް ގެންދިއުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވަނީ މިކަމަށް ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކޮށްފައިވާ ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް މަގުމަތީގައި ދޫކޮށްލާފައި ބެހެއްޓުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެފައެވެ.
"މިއީ މާލޭ ސިޓީގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. އަދި ބުޅާލުން އެތައް ބަލިތަކެއް އެބަ ފެތުރޭ. ރައްޔިތުން ބުޅާ ނަޖިސްތެރޭ ހިގާ ބިގާވެ ކޮންމެ ދުވަހަކު އުޅެން އެބަޖެހޭ،" މޭޔަރު އާޒިމް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ސަބަބުން މޫދު ކައިރީގައި ކުޅޭ ކުދިންނާއި މޫދަށް އެރޭ އެކި ފުރާގެ މީހުން ކޮންމެ ދުވަހަކު ބުޅާ ނަޖިހުގެ ތެރޭގައި އުޅެން ޖެހޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިކަމަކީ ސިއްހީގޮތުން ވެސް ވަރަށް ނުރައްކާތެރި ކަމެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ބުޅާތައް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބުޅާތައް ވީހާވެސް އަވަހަކަށް ފެސިލިޓީއަށް ގެންދިއުމަށް އެހީތެރިވެދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.


