ރާއްޖޭގެ 11 ރަށެއްގައި މިސްކިތްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިސްލާމީ ދާއިރާގެ ޖުމްލަ 14 އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތްތައް އެޅުމަށް ހަމަޖެހިފައިވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، ބ. ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫ، ތ. ހިރިލަންދޫ އަދި ސ. ފޭދޫގައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭ ކްލާސްތަކާއި، ސޯލާ ސިސްޓަމް، އޭސީ އަދި ވިނައިލް ފްލޯރިންގ ހިމެނޭނެއެވެ.
މީގެއިތުރުން، ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގައި ގުރުއާނާ ބެހޭ މަރުކަޒު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަރުކަޒުތަކުގައި ތިން ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން 11 މަޝްރޫޢެއް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހެވެ. އަދި ބާކީ ތިން މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
"މިހާރު ހަވާލުކޮށްފައި ހުރި ބައެއް މަޝްރޫޢުތައް ހުއްޓިފައިވޭ. އަޅުގަނޑުމެންގެ އަމާޒަކީ ހުއްޓިފައި ހުރި މަޝްރޫޢުތަކާ އެކު އަލަށް ފެށި މަޝްރޫޢުތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމުން،" މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.


