Tuesday, 28 July 2026

ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފި

ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފިއެވެ.

މަޖިލިސް ރައީސްގެ މި ގޮވާލެއްވުން އައިސްފައިވަނީ އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. މި ވާހަކަތައް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖިލިސް ރައީސް ވިދާޅުވެފައިވަނީ، ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ، އަބުރާއި އިއްޒަތް ނަގާލާ، ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާތީ، އެފަދަ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމަށެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ކަންކަން ހިންގުމުން، ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި ކުށްވެރިކުރާ ބަޔާނަކުން ފުއްދާނުލައި، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ.

ނަމަވެސް، މި މައްސަލައިގައި މިނިވަން މުއައްސަސާތަކުން ނެރުނު ބަޔާންތަކަކީ ރައީސް މުއިއްޒުގެ މަސްލަހަތު ހިމާޔަތްކުރުމަށް ނެރުނު ސިޔާސީ ބަޔާންތަކެއް ކަމަށް ބުނެ، އެމްޑީޕީން ވަނީ އެ ބަޔާންތައް ކުށްވެރިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *