Tuesday, 28 July 2026

ޤާނޫނީ އިމުގެތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީ އިން އެމްޑީޕީއަށް އިލްތިމާސްކޮށްފި

އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަދައްކާފައިވާތީ، އެފަދަ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮވާލައިފިއެވެ.

އީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ބާއްވަންވާނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭން ބޭނުންވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

"ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމުގައި ކުޑަކުދިންގެ ހައްޤުތަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑުމެން ގޮވާލަން،" އީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ކުޑަކުދިންނާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަތައް ދެއްކުމާއި، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ފަދަ ވާހަކަތައް ދެއްކުން ކޮމިޝަނުން ކުށްވެރިކޮށްފައިވެއެވެ.

އީސީން އިތުރަށް ފާހަގަކޮށްފައިވަނީ، ސިޔާސީ ހަރަކާތްތަކުގައި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް ދެއްކުމާއި، މީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުކިޔުމާއި، ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭކަމަށެވެ. ނަމަވެސް، ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *