ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި އެކުދިންގެ ކަރާމަތަށް އުނިކަން ލިބޭފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން އިއްޔެ އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން މިފަދައިން އިލްތިމާސްކޮށްފައިވަނީ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭފަދަ މައުލޫމާތުތަކާއި، އެކުދިންގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ބައެއް ފަރާތްތަކުން އާންމުކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީއެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ. އެގޮތުން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެއްވެސް ސަބަބަކަށްޓަކައި ކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ.
"ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އޭގެ ސަބަބުން އެކުދިންގެ ކަރާމަތަށް އުނިކަން ލިބިގެންދާތީ އެކަމާ ކަންބޮޑުވޭ،" މިނިސްޓްރީން ބުނެފައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތު އަދި އެކުދިންގެ ތަސްވީރު ނުވަތަ ކުއްޖާއަކީ ކާކުކަން ދެނެގަނެވޭފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެއްވެސް ވަސީލަތެއްގައި ޝާއިއުކުރުން މަނާކުރެއެވެ.


