މި ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކި ނަމަވެސް ބަޔަކު އުމްރާއަށް ގެންދަން ދެކޮޅު ހެދި އަސްކޮއި ގުރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ. މިކަން މިއަދު ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމެވެ.
މި މައްސަލައިގައި އަސްކޮއި ގުރޫޕާ ހަވާލުކޮށްފައިވަނީ ހަ މީހުން ހިމެނޭ އާއިލާއެއްގެ އުމްރާ ދަތުރެވެ. މި އާއިލާއިން ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން، މީހަކަށް 42،000 ރުފިޔާގެ މަގުން އުމްރާގެ އަގު އަދާކޮށް ނިންމާފައެވެ. ނަމަވެސް ދަތުރަށް ފުރަން ތައްޔާރުވެ ތިބުމަށް އެންގުމަށްފަހު، "ޓެކްނިކަލް މައްސަލައެއް" ދިމާވެގެން ދަތުރު ނުކުރެވޭނެ ކަމަށް އަސްކޮއިން ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އަދި އެ އާއިލާއަށް ދެއްކި ފައިސާ އަނބުރާ ދެއްކޭނީ ވެސް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ކަމަށް އަސްކޮއިން ބުނެފައިވާ ކަމަށް އެނގެއެވެ. މި މައްސަލައާ ގުޅިގެން އެ އާއިލާއިން ވަނީ އެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، "އަސްކޮއި ޖަމާއަތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި. ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން" އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ގަވައިދާ ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަހުން ވެސް މިފަދަ ގަވާއިދާ ހިލާފު ޢަމަލުތައް ހިންގި ގުރޫޕުތަކެއްގެ ހުއްދަ ބާތިލްކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


