Tuesday, 28 July 2026

ސިއްހީ ހިދުމަތް ދޭ 9 ތަނެއްގެ އާ އިމާރާތް އެޅުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފި

ސިއްހީ ހިދުމަތްދޭ 9 ތަނެއްގެ އާ އިމާރާތް އެޅުމަށް، އެއްބަސްވުންތަކުގައި ސަރުކާރުގެ ތިން ކުންފުންޏަކާއެކު ރޭ ސޮއިކޮށްފިއެވެ. ޖުމްލަ 625.6 މިލިއަން ރުފިޔާގެ މި މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، އާރުޑީސީ އަދި ފެނަކައާއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު މަޝްރޫއެކެވެ. އެއީ ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރާތް (23 މިލިއަން ރުފިޔާ)، ކ. ގާފަރު ސިއްހީ މަރުކަޒު (26.8 މިލިއަން ރުފިޔާ)، ހދ. ހަނިމާދޫ ހޮސްޕިޓަލް (104 މިލިއަން ރުފިޔާ) އަދި އދ. މާމިގިލި ހޮސްޕިޓަލް (105 މިލިއަން ރުފިޔާ) ގެ މަޝްރޫއުތަކެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ތ. ވިލުފުށި ހޮސްޕިޓަލް (105 މިލިއަން ރުފިޔާ)، ވ. ފެލިދޫ ހޮސްޕިޓަލް (105 މިލިއަން ރުފިޔާ)، ށ. މާއުނގޫދޫ ސިއްހީ މަރުކަޒު (27 މިލިއަން ރުފިޔާ) އަދި ނ. ފޮއްދޫ ސިއްހީ މަރުކަޒު (26.8 މިލިއަން ރުފިޔާ) ހިމެނެއެވެ.

ފެނަކައާ ހަވާލުކޮށްފައިވަނީ ހދ. މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއެވެ. މި މަޝްރޫއުގެ އަގަކީ 103 މިލިއަން ރުފިޔާއެވެ.

މި އެއްބަސްވުންތަކުގައި ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *