Tuesday, 28 July 2026

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ނިންމައިފި

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތުން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު ރައީސް އޮފީހުން ނިންމި ނިންމުމެއްގެ ދަށުން ކުރިއަށްގެންދެވޭ ކަމެކެވެ. މި ނިންމުން ނިންމާފައިވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބިކުރުވުމަށާއި، އަދި ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

އެހެންނަމަވެސް، މި ބަންދު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ވަނީ އެންގިފައެވެ. މިކަމަށްޓަކައި އެކި މުއައްސަސާތަކުން އެ މުއައްސަސާއަކުން ކަނޑައަޅާ އުސޫލެއްގެ މަތިން ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.

ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް ބަންދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު މި ވައުދު ވެވަޑައިގެންފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު ބ. އޭދަފުށީގައި ބޭއްވުނު ޖަލްސާއެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *