ފޮރިން ސާވިސްގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ 70 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން އެ ސާވިސްއަށް ލާފައިވާކަން ހާމަވެއްޖެއެވެ. މި މައުލޫމާތު އެނގުނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ދެއްވި ޖަވާބަކުންނެވެ.
ފޮރިން ސާވިސްގެ ގާނޫނުގައި ބުނާ ގޮތުން އެ ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ އަދަދު 20 ޕަސެންޓަށްވުރެ އިތުރުވެގެން ނުވާނެއެވެ. އެހެންނަމަވެސް މިހާރު ފޮރިން ސާވިސްގެ މިޝަންތަކާއި ހެޑްކުއާޓާސްތަކުގައި ތިބި 139 ސްޓާފުންގެ އިތުރުން 132 ސިޔާސީ މުވައްޒަފުން ވަނީ ލާފައެވެ.
މި މައުލޫމާތު ހާމަވެފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ފޮރިން މިނިސްޓަރާ ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މިނިސްޓަރުގެ ޖަވާބުން އެނގޭ ގޮތުގައި މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ 77 ސިޔާސީ މުވައްޒަފުން އިތުރަށް ވަނީ ލާފައެވެ.
މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުގައިވެސް މިފަދަ ކަންކަން ހިނގާފައިވެއެވެ. އޭރު ފޮރިން ސާވިސްގައި ތިބި 253 މުވައްޒަފުންގެ ތެރެއިން 116 މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުންނެވެ. އެއީ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ 55 މުވައްޒަފުން އިތުރު އަދަދެކެވެ.


