Tuesday, 28 July 2026

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ދެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކްރިއޭޓިވް އާޓްސްއިން މިއަދު ވަނީ ހުޅުވާލައިފައެވެ.
 
މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި ބައި އިލެކްޝަން ބާއްވަނީ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަޤާމު މިވަގުތު ހުސްވެފައިވުމާއި، މީޑިއާތައް ތަމްސީލްކުރާ މެންބަރެއްގެ މަޤާމު އެޕްރީލް 28 ގައި ހުސްވާން އޮތުމާ ގުޅިގެންނެވެ.
 
މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެ ފުރުސަތު ލިބިގެންދާނެއެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން "މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިނިސްޓްރީގެ އީމެއިލް އެޑްރެސް media@youth.gov.mv އަށް ފޮނުވަންވާނެއެވެ.
 
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. މީގެއިތުރުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެ ކަމަށާއި، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށްވެސް ވެގެން ނުވާނެއެވެ.
 
މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ ދައުރަކީ ދެ އަހަރު ދުވަހެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު ފުރިހަމައެއް ނުކުރެވޭނެއެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *