ސަރުކާރުން މިއަހަރުގެ ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ދޫކުރަމުންދާ މަސްދަޅު ކޭސް، އަންގާރަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިފްކޯގެ ހަތަރު ފިހާރައިން ކަމަށް ސަރުކާރުން އިއުލާނުކޮށްފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވެއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މަސްދަޅު ކޭސް ދޫކުރާ ތަންތަން އަންގާރައިން ފެށިގެން ބަދަލުވި ނަމަވެސް، ދޫކުރަމުން ދާނީ މިހާރެކޭ އެއްގޮތަށް އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ.
ފާއިތުވި ހުކުރު ދުވަހު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށުނު އިރު، އެންމެ ފަސް ތަނަކުން މި ޚިދުމަތް ދެމުން ދިޔައެވެ. ނަމަވެސް ކިއޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާ އިތުރުވުމާ ގުޅިގެން، މި ޚިދުމަތް 13 ތަނަކުން ދޭ ގޮތަށް ހަމަޖައްސައި، ޓޯކަން ނަންބަރު އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖެއްސިއެވެ.
މިނިސްޓަރުގެ އިއުލާނުގައި ވިދާޅުވެފައިވާ ގޮތުން، މިރޭ އަދި މާދަމާ ރޭ ވެސް މިހާރު ޚިދުމަތް ދެމުންދާ 13 މަރުކަޒުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދާނެއެވެ. އަދި އަންގާރަ ދުވަހުން ފެށިގެން މި ޚިދުމަތް ލިބިވަޑައިގަންނަވާނީ މިފްކޯގެ ފިހާރަތަކުން، އެ ފިހާރަތައް ހުޅުވިފައި ހުންނަ ގަޑިތަކުގައެވެ.


