ހިދާޔަތުގެ މަގުގައި ސާބިތުކޮށް ހިތަށް ސާބިތުކަންދެއްވާތޯ ތާއަބަދު ދުޢާކުރަންޖެހޭކަމަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވެފައިވަނީ "އިސްލާމްދީން މަތީ ޘާބިތުވާށެވެ!" މި މަޢުޟޫޢަށް ޚާއްސަކޮށްގެން ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ފާހަގަކުރެއްވީ، އިސްލާމްދީނާމެދު އެކިއެކި ޝުބުހާތައް ފަތުރަމުންދާއިރު، މި ނިޢުމަތުގެ މަތީގައި ސާބިތުވެ ދެމިތިބުމަށް ގިނަގިނައިން ދުޢާކުރުމުގެ މުހިންމުކަމެވެ. އަދި ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއްކަން ފާހަގަކުރައްވައި، އިސްލާމްދީނުގެ މަތީގައި ދެމިތިބުމަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހިތަށް މި ނަން ދެވިފައިވަނީވެސް ހިތަކީ އެކިއެކި އޮއިވަރުތަކާއެކު ފުރޮޅޭ އެއްޗެއްކަމަށްވާތީ. ކިހާވަރަކަށް މި ހިތް ފުރޮޅޭތީދޯ ނަބިއްޔާ ސ.އ.ވ އެ ހިތް ސިފަކުރައްވާފައިވަނީ ސަހަރާއެއްގެ ތެރޭގައި ހުންނަ ގަހެއްގައި އެލުވިފައި އިންނަ ފަތެއްގެ ސިފައިގައި،" ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހިތް އިސްލާހުވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާނެއެވެ. އަދި ހިތް ފަސާދަވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު ފަސާދަވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދީނުގައި ސާބިތުވެ ދެމިތިބުމަށް ކެތްތެރިކަމަކީ މުހިންމު ސިފައެއްކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ. އަދި ޤުރުއާނުގައި ހިމެނޭ ރަސޫލުބޭކަލުންގެ ވާހަކަތަކުން އިބްރަތް ހާސިލްކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


