Tuesday, 28 July 2026

ސިޔާސީ މަސްރަހުގައި އަންހެނުން ބާރުވެރިކުރުމުގެ އެއްބަސްވުމެއްގައި ހަތް ޕާޓީއަކުން ސޮއިކޮށްފި

ސިޔާސީ މަސްރަހުގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުމުގެ އެއްބަސްވުމެއްގައި ހަތް ސިޔާސީ ޕާޓީއަކުން އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (ޑަބްލިއުއެފްޑީ) ގެ އިސްނެގުމުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ސޮއިކުރެވުނު މި އެއްބަސްވުމުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި، އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)، ދަ ޑިމޮކްރެޓްސް، އަދާލަތު ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުން އެއްކިބާވެފައިވަނީ ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ޓާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ. މި އެއްބަސްވުމުގައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ޕާޓީތަކުން ޝަކުވާގެ ސިއްރު ނިޒާމެއް ގާއިމުކުރުމާއި، ޖަވާބުދާރީވުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ލާޒިމުކުރެއެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދިނުމަށް އުސޫލުތަކެއް އެކުލަވާލުމާއި، ހޭލުންތެރިކަމާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް ހާއްސަ ބަޖެޓެއް ކަނޑައެޅުން ހިމެނެއެވެ.

ޑަބްލިއުއެފްޑީން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކުރި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިއްމު އެއްބަސްވުމެކެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތައް އަމިއްލައަށް މޮނިޓާކޮށް، މުރާޖައާކޮށް، އަދި ރިޕޯޓުކުރަން ވެސް ޕާޓީތަކުން އެއްބަސްވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *