އިންޑިއާގެ ޓެމިލްނާޑޫގެ ޓުޓިކޮރިން އިން ކަނޑު މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 58.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިއާގެ އިދާރާތަކުން އަތުލައިގަނެފިއެވެ. މި އޮޕަރޭޝަނުގައި 30 ކިލޯގެ ހަޝިސްއޮއިލް އަތުލައިގަނެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ އިންޑިއަން ކޯސްޓް ގާޑް (އައިސީޖީ) އާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގުޅިގެންނެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތި ފޮރުވާފައި ހުރީ ލުއިކާނާ ފަދަ ތަކެތި ހުންނަ ޕެކެޓުތަކުގައެވެ.
މި އޮޕަރޭޝަން ފެށިފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު، ޓުޓިކޮރިން ބަނދަރުން މާލެއަށް ދަތުރުކުރަމުންދިޔަ ޓަގު ބޯޓެއްގައި މަސްތުވާތަކެތީގެ ޝިޕްމަންޓެއް ހުރި ކަމުގެ މަޢުލޫމާތު ޑީއާރްއައިއަށް ލިބުމާ ގުޅިގެންނެވެ. 40 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު އައިސީޖީގެ ދެ އުޅަނދު ފޮނުވައި އެ ބޯޓު އަތުލައިގަނެފައިވެއެވެ.
އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަގު ބައިނަލްއަގްވާމީ މާކެޓުގައި 33 ކްރޯރު ރުފިޔާއަށް އަރާ ކަމަށް އިންޑިއާގެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ. އަދި އަތުލައިގަތް ބޯޓު ޓުޓިކޮރިންއަށް ގެންގޮސް، އެ ބޯޓުގައި ތިބި 9 މީހުން މިދިޔަ ހުކުރު ދުވަހު ވަނީ ޑީއާރްއައިއާ ހަވާލުކޮށްފައެވެ.
ފާއިތުވި އަހަރުތަކުގައިވެސް ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެތައް މައްސަލައެއް ރިޕޯޓުކުރެވިފައިވެއެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން އިންޑިއާގެ އިދާރާތަކާއެކު ގާތުން މަސައްކަތްކުރަމުން ގެންދެއެވެ.


