މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިއަދު މެންދުރުފަހުން ފެށިގެން ނުވަތަ ރޭގަނޑުން ފެށިގެން އަލުން ވިއްސާރަވާން ފަށާނެ ކަމަށް ލަފާކުރެވޭތީ، މާލޭ ސިޓީ ކައުންސިލުން ވަނީ ކާރިސާ ކޮމިޓީއެއް އުފައްދާފައެވެ.
މިއަހަރު ފެށުނުއިރު ރާއްޖެއަށް ވަނީ ވިއްސާރަކޮށް މާލޭގައި ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފައެވެ. އޭގެ ފަހުން ހަފްތާއަކަށް ވިއްސާރަ އަލިކޮށްލުމަށްފަހު އިއްޔެ އަނެއްކާވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް، މާލޭގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ ކާރިސާ ކޮމިޓީއެއް އުފައްދައި، މިހާރު ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.
މެޓުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމަތީގައިވާ ސްރީލަންކާ ކައިރީގައި ވިއްސާރަ ވިލާތައް އުފެދި، އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުންނެވެ.


