Tuesday, 28 July 2026

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް: ރައީސް

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ކަމެކެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޓިއާންޖިންގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްރޫޢުތައް އަވަސްކުރުމާއި، އިތުރު ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް "ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް 2024-28″ ގެ ދަށުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި އިސްތިރާޖީގެ ދަށުން ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިގްތިސާދީ ތަރައްގީއާއި، ވިޔަފާރި، އިންވެސްޓްމަންޓް އަދި ސަލާމަތީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އަދި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ ރައީސް މުޢިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅުކަމެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *