ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ބައިނަލްއަގުވާމީ ލީޑަރުންނާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކޮށް އާ ފުރުސަތުތައް ފަހިކުރެއްވުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެސްސީއޯ ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީއާއި، ޑިޖިޓަލް އިނޮވޭޝަނާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު 11 ދާއިރާއަކުން އެއްބާރުލުން ދިނުމާބެހޭ ފަހުމުނާމާތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި އިގްތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އަދި ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލިއާ ބައްދަލުކުރެއްވިއެވެ. ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި، އިގްތިސާދީ ތަރައްގީ، ވިޔަފާރި، އިންވެސްޓްމަންޓް އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
"ވަރަށް ހޫނު މެހެމާންދާރީއާއި މާނަހުރި މަޝްވަރާތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ ގައުމަށާއި، މި ސަރަހައްދަށްޓަކައި ކުރިއަށް މިދަނީ" ރައީސް މުއިއްޒު ވިދާޅުވިއެވެ.


