ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ދަރަނި 22 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކޮށްފި އެވެ. އަދި މިއާއެކު ޖުމްލަ ބަޖެޓުގެ 40 އިންސައްތަ ދަރަނިން ފައިނޭންސްކުރަން ޖެހޭނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލަފާގައި ބުނެފައިވަނީ މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީގައި ކަނޑައެޅުނު އަދަދަށްވުރެ 8.5 ބިލިއަން ރުފިޔާ އިތުރަށް ފައިނޭންސްގެ ގޮތުގައި ހޯދަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ބަޖެޓު ފައިނޭންސިންގގެ ގޮތުގައި ކަނޑައަޅާފައި އޮތީ 18 ބިލިއަން ރުފިޔާކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ބޭނުންވާ 4.3 ބިލިއަން ރުފިޔާގެ ތެރެއިން 2.9 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވަނީ ޑޮމެސްޓިކް މާކެޓުންކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރގެ ފައިނޭންސިންގއަށް ކުރާނެ އަސަރު ދެނެގަތުން މުހިންމުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިންޒާރުދީފައިވެއެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 135 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާއިރު، މިއީއީ ޖީޑީޕީގެ ނިސްބަތުން 118 އިންސައްތައަށް އަރާ އަދަދެކެވެ. މި ހާލަތުގައި ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައެވެ.


