ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ, މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވާލި ބިލްތައް ދިރާސާކުރަން މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވާލުމަށް މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފި އެވެ.
ޓެކްސްތައް ބޮޑުކުރުމާ ބެހޭ ބިލުތަކުގެ މަސައްކަތްކުރަން ފުރަތަމަ ނިންމީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ. އެކަމަކު، އެ ކޮމިޓީގައި ބައެއް މެންބަރުންގެ ހިޔާލު ތަފާތުވެ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ މައްސަލަ ދިރާސާކޮށް، ގޮތެއް ނިންމަން ސަބް ކޮމިޓީއަކަށް ފޮނުވަން ހުށަހަޅުއްވާފައެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ (މުސްތޮ) ހުށަހެޅުއްވި ޓީޖީއެސްޓީ ބޮޑުކުރުމުގެ ބިލަށް މުޅި މަޖިލިސް ކޮމިޓީގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ މުވައްޒަފުންނަށް ހާއްސަކުރެވިގެން ރިސޯޓްތަކުގެ ހިންގާ ފިހާރަތަކުގެ އިތުރުން ކެފޭތައް އެ ޖީއެސްޓީއިން އުނިކުރުމަށް ހުށަހަޅާފަ އެވެ. އެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި އެވެ.
އޭގެ އިތުރުން އެ ބިލުގައި ހިމަނާފައިވާ ތާރީހަކީ ކުރު މުއްދަތެއް ކަމަށްވާތީ އެ ތާރީހު އޮކްޓޯބަރު 31 އަށް އިތުރުކޮށްދިއުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ.
ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ސަބް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނު ވެސް ކޮމިޓީއަށް ފޮނުވަން މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. އެ ބިލު ސަބްކޮމިޓީއަށް ފޮނުވީ ވެސް ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.


