ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ދޫކުރާ ފައިސާގެ ގޮތުގައި މި އަހަރު ފަސް ސިޔާސީ ޕާޓީއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި ފައިސާ ޕާޓީތަކުގެ ބޭންކު އެކައުންޓުތަކަށް ޖަމާކުރުމަށް ވަނީ ބޭންކުތަކަށް ފޮނުވާފައެވެ.
އެންމެ ގިނަ ފައިސާ ލިބުނު ޕާޓީއަކީ ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ލިބުނެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް 8.5 މިލިއަން ރުފިޔާ ލިބުނު އިރު، ޖުމްހޫރީ ޕާޓީއަށް 2.7 މިލިއަން ރުފިޔާ، އެމްޑީއޭއަށް 1.8 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ލިބުނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ދޭންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި މި އަހަރު މި ޝަރުތު ހަމަވަނީ ފަސް ޕާޓީއަކުންނެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ އަދަދު ވަނީ މަދުވެފައެވެ. މިދިޔަ އަހަރު ހަ ސިޔާސީ ޕާޓީއަކަށް ޖުމުލަ 44 މިލިއަން ރުފިޔާ ދޫކުރިއެވެ. އޭގެ ތެރޭގައި މިހާރު އުވާލާފައިވާ ޕީޕީއެމްވެސް ހިމެނެއެވެ.


