Tuesday, 28 July 2026

ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ މއ. މޯނިންވިއު، މާލެ، އިބްރާހިމް ޒައިދާން (22 އަހަރު)، މއ. މޯނިންވިއު، މާލެ، އަހްމަދު ނަވާޒް (30 އަހަރު)، އަދި ބަށިމާގެ، ލ. މާބައިދޫ، މުހައްމަދު ޝިދާދު (22 އަހަރު) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުންނެވެ. އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު، ޒައިދާނާއި ޝިދާދުގެ ބަންދު 15 ދުވަހަށް އަދި ނަވާޒުގެ ބަންދު 30 ދުވަހަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތިން މީހުންގެ ބަންދު މުއްދަތު ކަނޑައަޅާފައިވަނީ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން، އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭތީއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ބޮޑެތި އަދަބުތަކެއް ހިމެނޭ މި ގާނޫނު ފުލުހުން ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ގާނޫނަކީ ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ ގާނޫނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *