ރާއްޖޭގެ އެންމެހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނުގެ ކަރަންޓު ބިލު ޑޮމެސްޓިކް ރޭޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ގެނެވޭ މި ބަދަލާއެކު، މަގުބައްތިތަކާއި، ޕާކުތަކާއި އަދި އާންމު މައިދާންތަކުގެ ކަރަންޓު ބިލު ނެގުމުގައި މިހާރު އަމަލުކުރަމުންދާ ގަވަރމަންޓު ރޭޓުގެ ބަދަލުގައި ފެނަކަ އަދި ސްޓެލްކޯއިން ބިލުކުރާނީ ޑޮމެސްޓިކް ރޭޓުންނެވެ. މި ބަދަލާ ގުޅިގެން ކައުންސިލުތަކަށް މުނިސިޕަލް އެހެނިހެން ޚިދުމަތްތަކަށް ޚަރަދުކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސް މިރޭ "އެކްސް" މެދުވެރިކޮށް ހާމަކުރެއްވިއެވެ.
ކައުންސިލުތަކަށް މާލީ ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވޭ މި ނިންމެވުމާއެކު، ފެނަކަ އަދި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހަމަޖައްސައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ އިޝާރާތްކުރައްވާފައެވެ. މީގެ ކުރިން، މިދިޔަ އަހަރު ވަނީ މިސްކިތްތަކުގެ ކަރަންޓު ބިލު ވެސް ޑޮމެސްޓިކް ރޭޓަށް ބަދަލުކުރައްވާފައެވެ.


