ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ. މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވި ސަބަބުގެ ގޮތުގައި މެންބަރު ނަސީމް ފާހަގަކުރެއްވީ، މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާއިރު، އެ ކޮމެންޓުތައް ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ، މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށެވެ. އަދި މި ހުށަހެޅުން ވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ކޮމިޓީ ސިއްރުކުރުމާ ގުޅިގެން ބައްދަލުވުން ކަވަރުކުރުމަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.


